ޖަލުތަކަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވާފައެވެ.
ވަޒީރު އިހްސާން ވިދާޅުވިގޮތުގައި، ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަނީ ވަކިވެފައެވެ. ނަމަވެސް އެމީހުންނަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!