ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޝަމްނާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

Ad
rt

ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ތިލަދުން" އަށް އެނގިފައިވާ ގޮތުގައި ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ސިހުރު ހެދި މައްސަލައެކެވެ. ޝަމްނާޒް ސިހުރު ހެދީ ރައީސް ޑރ. މުއިއްޒު އާ ގާތްވުމަށް ކަމަށްވެއެވެ.

ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ކައިވެނި ވަރަށް ފަހުން ރޫޅިފައިވާ އިރު، ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. ޝަމްނާޒް ހައްޔަރުކޮށްފައިވާ މި މައްސަލާގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. އަދި ޝަމްނާޒް އާއެކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ރަމީޒް ނުހިމެނެއެވެ.

މި ސަރުކާރު އައުމުގެ ކުރިން ޝަމްނާޒް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރަކަށެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ޝަމްނާޒް އައްޔަން ކުރެއްވީ މުލިއާގޭގެ މަގާމަކަށެވެ. ފަހުން އޭނާ ބަދަލު ކުރީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.