ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރުޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބްރެޒިލް އިން ވަނީ، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާއި އަމާޒުނުވެދިޔައިރު، ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓަރިކާގެ ކީޕަރެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ބްރެޒިލްގެ ރަފީނިއާ ލަނޑެއް ޖެހިއެވެ. ވީއޭއާރުން ބެލުމަށް ފަހު ލަނޑު ކެންސަލް ކޮށްލީ އޭނާ އޮފަސައިޑް ވުމުންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ކޮންޓްރޯލް ކޮށްގެން ބްރެޒިލް އިން ވަނީ މޮޅަށް ކުޅެފައެވެ. ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ޕަކޭޓާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްއިރު، ގޮމޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކޮސްޓަރިކާގެ ކީޕަރު ސަކުއެރާއެވެ. މުޅި މެޗުގައި ކޮސްޓަރިކާއަށް ބްރެޒިލްގެ ކީޕަރ އެލިސަން ޓެސްޓް ކޮށްލެވޭވަރުގެ ހަމަލާއެއް އުފެއްދިފައި ނުވެއެވެ.
ގްރޫޕް ޑީގައި ދެން ހިމެނޭ ދެ ޓީމްކަމަށްވާ ކޮލަމްބިއާއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ކޮލަމްބިއާއެވެ. މި ގްރޫޕްގެ އެއްވަނާގައި ތިން ޕޮއިންޓާއިއެކު އޮތީ އެ ޓީމެވެ. ދެވަނާގައި އޮތް ބްރެޒިލްއަށާއި ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!