ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ޔުކްރެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗުން، ޔުކްރެއިން މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ ސްލޮވާކިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ.

މިރޭ މެޗުން ޔުކްރެއިން މޮޅުވުމުން ގްރޫޕް އީގައި ހިމެނޭ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމްތަކަކީ ރޮމޭނިއާ، ޔުކްރެއިންގެ އިތުރުން ސްލޮވާކިއާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބެލްޖިއަމްއެވެ. ޔުކްރެއިން އާއި ސްލޮވާކިއާ ދެ މެޗު ކުޅެފައިވާއިރު، ޔުކްރެއިން ފުރަތަމަ މެޗުން ވަނީ ރޮމޭނިއާ އަތުން ބަލިވެފައެވެ. ސްލޮވާކިއާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބެލްޖިއަމް ބަލިކޮށްފައެވެ. ބެލްޖިއަމްއާއި ރޮމޭނިއާ މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް އަދި ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

Ad
rt

މިރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްލޮވާކިއާއިންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ހާސްލިން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އިވާން ޝަރަންޒް އެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ޔުކްރެއިން އިން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސްލޮވާކިއާއިން ވަނީ ފުރަތަމަ ހާފުގައި ވަރަށް ރަނގަޅު ޑިފެންސެއްކޮށް ޔުކްރެއިން ހުއްޓުވައިފައެވެ.

ޔުކްރެއިން ދެވަނަ ހާފު ވެސް ފެށީ އެޓޭކަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޒިންޗެންކޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭރިއާތެރޭ ހުސްކޮށްހުރެ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޝަޕަރެންކޯ ވަނީ ލަނޑުޖަހައި ޔުކްރެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ޓީމް މެޗުން މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ޖަހައިދިނީ ޔަރެމްޗުކްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޝަޕަރެންކޯގެ އެހީތެރިކަމާއި އެކުއެވެ.