އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސްގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން، ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތު ގަބޫލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވާރު، ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެރުވުމުންނެވެ.
ދައުވަތު ދެއްވި ކަމަށްޓަކައި މޯދީއަށް ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ، އެ ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އަދި އިންޑިއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ ގުޅުން ކުރިއަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!