ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިހުރެއް ހެދުމަށް ބޭނުންކޮށްފައުވާ ރޯ ކާއްޓެއް، ފޮޓޯ: މީސްމީޑިއާ
ސިހުރެއް ހެދުމަށް ބޭނުންކޮށްފައުވާ ރޯ ކާއްޓެއް، ފޮޓޯ: މީސްމީޑިއާ

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''ސިޙުރުގެ ނުބައިކަން'' އެވެ.

މިއަދުގެ ޚުޠުބާގައި ސިހުރަކީ ޙަޤީޤަތެއްކަމަށާއި، އެއީ ދީނުން ބޭރުވާފަދަ ކުށެއްކަމާއި އަދި ސިހުރުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާކަން ވެސް މިއަދު ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

ސިހުރަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ވެސް މޫލާފައިވާ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. ކުށެއްނެތް އެތައް ބަޔެއް އެކަމުގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ ޖަރީމާ އެކެވެ.

މި ހަގީގަތްތަކުގެ މައްޗަށް ބުރަވާހާލު، މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.

ސިހުރަކީ ދީނުން ބޭރުވާ ފަދަ ކުށެއް

މުސްލިމް އަޚުންނޭވެ! މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ސިޙުރެވެ. ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެއެވެ. ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅެއެވެ. ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހެއެވެ. އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި رسول الله صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ. މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައެވެ.

މުސްލިމް އަޚުންނޭވެ! މި ސުންޕާ ޢަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ޙަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުން ހެއްޔެވެ؟ ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުންނެވެ.

ސިޙުރަކީ ޙަޤީޤަތެއް

މުސްލިމް އަޚުންނޭވެ! ސިޙުރަކީ ޙަޤީޤަތެކެވެ. އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫނެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނެއެވެ. ކީރިތި ރަސޫލާ z އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެކެވެ. لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި رسول الله صلى الله عليه وسلم އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެންނެވެ. ކީރިތި رسول الله صلى الله عليه وسلم އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެންނެވެ.

މުސްލިމް އަޚުންނޭވެ! ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ."އަދި سُلَيْمَانُ ގެފާނުގެ ވެރިކަމުގެ ޒަމާނުގައި، شَيْطَانُ ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تَبَعَ ވޫއެވެ. سُلَيْمَانُ ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شَيْطَانُ ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سِحْرُ އުނގަންނައިދިނުމުންނެވެ. އަދި بَابِلُ ގައިވާ هَارُوْت އާއި، مَارُوت އާއި ދެ مَلَائِكَةُ ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާ ވެސް (އެއުރެން تَبَعَ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ، (إِيـْمَان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) اِمْتِحَان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ ވިދާޅުވެ (نَصِيْحَة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ مَلَائِكَةُ ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި، އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް، ވަކިކުރާނޭ ގޮތް، އެ ދެ مَلَائِكَةُ ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. الله ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخِرَةُ ގައި އެއްވެސް نَصِيْب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އެއުރެންގެ نَفْسُ ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ." މި އާޔަތުގައި "ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ" އޮތް ބަސްފުޅުން ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން އެނގެއެވެ. އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަމެވެ.

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެކެވެ. އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެކެވެ. ތިޔަބައިމީހުން ސިޙުރުހާހޫރައާ ދުރުހެލިވާށެވެ! އަދި މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަ ވާށެވެ! އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ، (ސޫރަތުލް ޣާފިރު 60)،‎ ‏ މާނައީ: "އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ وَحِيْ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް دُعَاء ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ دُعَاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއަށް (دُعَاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حَالُ، އެއުރެން ނަރަކަޔަށް ވަންނާނެތެވެ."

ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި ވަނީ އަންގަވާފައި

ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުމެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ (ފުއްޞިލަތު 36)، މާނައީ: "އަދި ހަމަކަށަވަރުން، شَيْطَان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، މާތް الله ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި رسول الله صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުމެވެ. ކީރިތި رسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެވަގުތު ޝައިޠާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!"

ޚުޠުބާ ކިޔާލުމަށް: ސިޙުރުގެ ނުބައިކަން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *