ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' މާދަމާ ފަށާނެއެވެ.

މިއަހަރުގެ ފިއެސްޓާގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން ފުޓްސަލް އެވެ. މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ.

Ad
rt

ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ ''ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024'' މުބާރާތް ހުޅުވާ މެޗު ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ފުޓްސަލް ކިންގެއްކަމަށްވާ އަލީ ހާފިޒު (ހާއްޕެ) އެވެ.

މި މުބާރާތުގައި ޖުމްލަ 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ފިއުރިއަސްގެ އިތުރުން ބްލެކް ކޯނާ އެފްސީ، ބްލެކް ކޯނާ ލަޔަންސް، ޑާކް ހޯސް، ލެއިޓް ވޮލްފް، އަދި ދަ ބެންޗް އެވެ.

ނަރުދޫ ކައުންސިލްގެ އޮފިޝަލެއް ''ތިލަދުން'' އަށް ވިދާޅުވީ މިފަހަރުގެ ފިއެސްޓާގެ އެންމެ ޚާއްޞަ ކަމަކީ ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިފަހަރު މި ފިއެސްޓާގައި ކުޅޭ ހަ ޓީމުން ވެސް ފެނިގެން ދިޔުންކަމަށެވެ. މިގޮތުން ގދ. ވާދޫ ފުޓްސަލް ޓީމުގެ މަޝްހޫރު ކުޅުންތެރިއެއްކަމަށްވާ އަޔާޒް (އަޔާ) އާއި އެ ޓީމުގެ ބައެއް ޕްލޭޔަރުން މި މުބާރާތުން ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ގައުމީ ފުޓްސަލް ޓީމްގެ ޕްލޭޔަރު އައްޒާމު އާއި މާލެ، ނ، ށ، ގއ. ގދ. ރ އަތޮޅަށް ނިސްބަތްވާ މަޝްހޫރު، ކްލަބް މޯލްޑިވްސް އާއި ގޯލްޑަން ފުޓްސަލް ޗެލެންޖު މުބާރާތްތަކުގައި ކުޅެފައިވާ ގިނަ ޕްލެޔަރުންތަކެއް މި ފިއެސްޓާއިން ފެންނާނެކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަން ޓީމަށް 15 ހާސް ރުފިޔާގެ އިނާމެއްދޭ މި ފިއެސްޓާގެ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މި ފިއެސްޓާގެ މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.