ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ.
ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯންޗުތަކުގެ ވެރިން އަދި އާންމު ރައްޔިތުން ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ރ. އަތޮޅު ޕޮލިހުން ވަނީ ބުނެފައެވެ.
ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންތަކެއް ލިބުނުއިރު، މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުން އަންނަ ދުވަސް ވަރެކެވެ.
މޫސުން ގޯސްވެފައިވާތީ، މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެމުން އަންނަ މޫސުމީ ސަމާލުތައް އައު ކުރަމުން އަންނައިރު، މިހާރު ވެސް އޮތީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.
މި ސަމާލުގެ ވަގުތު މިރޭ 00:30 އާއި ހަމައަށް ދީފައިވާއިރު، މި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!