ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރުފްކޮށްފި އެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކް އައު ކްރެޑިޓް ކާޑު ތައާރަފްކޮށްފައިވަނީ ބުކިން ޑޮޓްކޮމް އަދި ކެއިން ބުއިމުގެ ޚިދުމަތްތައް ލިބޭ ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެންނެވެ.
ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް ވެސް މި ކްރެޑިޓް ކާޑުން އިންސްޓޯލްމަންޓަށް ފައިސާ އިން ދެއްކޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ. އަދި މިއީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކްރެޑިޓް ކާޑެކެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓަރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ވެސް ޕޮއިންޓް ހޯދޭނެ އެވެ.
A world of rewards with the first ever Shari'ah compliant Credit Card in the Maldives.
Click for more details: https://t.co/flqQpOCUTX pic.twitter.com/7E4GWdhMew
— Bank of Maldives (@bankofmaldives) May 28, 2024
މީގެ އިތުރުން ފްލައިޓް ޓިކެޓާއި ކާރު ކުއްޔަށް ނެގުމާއި ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖެ އިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕްއިންޓް ބޭނުން ކުރެވޭނެ އެވެ.
ގައުމީ ބޭންކް، ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ހަސަން ކަލާމް ވިދާޅުވެފައިވާ ގޮތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި، ފަރުމާކޮށްފައިވާ ކާޑެކެވެ.
ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!