ފަލަސްޠީނުގެ ޣައްޒާގެ ރަފާގައި މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން އިސްރާއީލް އޭ ކިޔުނު ޔަހޫދީ ޖަމާއަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން، ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ޢަމުރެއް ނެރެފިއެވެ.

އިސްރާއިލުން ރަފާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ބޯޑަރުތައް ހުޅުވަން ފުރުސަތު ދީ، އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ފުރުސަތު ދިނުމަށް ވެސް އައިސީޖޭ އިން ވަނީ އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައެވެ.

Ad
rt

އިސްރާއީލާ ދެކޮޅަށް މި މައްސަލަ ބައިނަލްއަޤްވާމީ ކޯޓަށް ވައްދާފައި ވަނީ ކުރިން ވެސް ފަލަސްޠީނުގެ މުސްލިމް ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް މައްސަލަ ވެއްދި ދެކުނު އެފްރިކާއިންނެވެ.

މިއަދު އަމުރު 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނުއިރު، އަމުރު ނެރުމާ ދެކޮޅުމަށް ތިބީ ދެ ފަނޑިޔާރެކެވެ.

މިދިޔަ ޖަނަވަރީ މަހުވެސް އައިސީޖޭން ވަނީ ޔަހޫދީ އިސްރާއިލާ ދެކޮޅަށް އަމުރެއް ނެރެފައެވެ. ނަމަވެސް, އެ އަމުރުގައި ފަލަސްތީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލާފައެއް ނުވެއެވެ. އެ އަމުރު ކޮށްފައިވަނީ, ޢުދުވާނުގެ ތެރެއިން ޢާންމުންގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތައް ކޮންޓްރޯލް ކުރުމަށެވެ. އެހެންނަމަވެސް, ޣައްޒާގައި އިސްރާއީލުން ހިންގަމުން ދަނީ ގަތުލުއާންމެއް ކަމުގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ.

އިސްރާއިލުން ރަފާ އަށް ހަމަލަތައް ދީ، އެ ސަހަރު ސުންނާފަތި ކުރާން ފެށީ މި މަހުގެ ތެރޭގައެވެ.

ރަފާ އަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އެތައް ލައްކަ މީހުންނަށް އެ މީހުންގެ ގެދޮރު ދޫކޮށް ފިލަންވަނީ މަޖުބޫރުވެފައިވާއިރު، އެ ހަމަލާތަކުގެ އެތައް މުސްލިމުންނެއް ދަނީ ޝަހީދު ކުރަމުންނެވެ.