ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކިކުރަން އެ ކުލަބުން ނިންމައިފިއެވެ.
އުމުރުން 44 އަހަރުގެ ޒަވީ ބާސާގެ ކޯޗުކަމުން ވަކިކުރަން ނިންމާފައި ވަނީ މިއަދު އެ ކްލަބްގެ ރައީސް ޖޯން ލަޕޯޓާއާއި ސްޕޯޓިން ޑައިރެކްޓަރ ޑެކޯއާއިއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
ޒަވީ ބާސެލޯނާއާއި ހަވާލުވީ 2021 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިންނެވެ. އެ ސީޒަންގައި ކާމިޔާބެއް ނުހޯދުނު ނަމަވެސް ޖެހިގެންއައި ސީޒަންގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ސްޕެނިޝް ލީގު ކާމިޔާބު ކުރިއެވެ. ނަމަވެސް މި ސީޒަންގައި އޭނާގެ އިރުޝާދުގެ ދަށުން ބާސާ ނިންމާލީ އެއްވެސް ތައްޓެއް ނުލިބިއެވެ.
ނަތީޖާތައް ދަށް ވުމުގެ ސަބަބުން މި އަހަރު ޖަނަވަރީ މަހު ޒަވީ ވަނީ ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް ބާސާގެ އިސްފަރާތްތަކުން ޒަވީ ކްލަބުގައި މަޑުކޮށްދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔުމާއިއެކު މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ އިތުރު އެއް އަހަރު ކްލަބުގައި މަޑުކުރާނެކަން އިއުލާން ކޮށްފައެވެ.
ނަމަވެސް ދާދިފަހުން ނޫސްވެރިންނާއި ބޭއްވި ބައްދަލުވުމެއްގައި ޒަވީ ބުނެފައިވަނީ ބާސާގެ މާލީ ހާލަތު އޮތްގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ ފުރުސަތު ވެސް ނެތުމާއިއެކު ބާސާ އޮތް ހާލަތުން އެ ޓީމަށް ޔޫރަޕްގެ ބޮޑެތި ޓީމްތަކާއި ވާދަ ނުކުރެވޭނެކަން އެ ޓީމްގެ ސަޕޯޓަރުން ވެސް ގަބޫލްކުރަން ޖެހޭނެ ކަމަށެވެ. މިއީ ޒަވީ މަގާމުން ދުރުކުރަން އެ ކްލަބުން ނިންމި މައިގަނޑު ސަބަބު ކަމުގައި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ޒަވީ ބާސާއަށް އިރުޝާދުދޭ އެންމެ ފަހު މެޗަކަށް ވާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސެވިއްޔާއާއި ދެކޮޅަށްކުޅޭ ލީގުގެ ފަހު މެޗެވެ.
ޒަވީ ވަކިކުރުމަށް ފަހު ބާސާއިން އެ މަގާމަށް ހަމަޖައްސަން ނިންމާފައި ވަނީ ކުރިން ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ހަންސީ ފްލިކްއެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ބަޔާންއާއިއެކު ޖަރުމަނު ލީގާއި ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
ބަޔާންގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަށް ފަހު ފްލިކް ދެން ހަވާލުވީ ޖަރުމަނުގެ ކޯޗްކަމާއެވެ. ނަމަވެސް ޖަރުމަނު ޓީމުގައި އޭނާއަށް ލިބުނީ ދަށް ނަތީޖާތަކެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވީ އެންމެ 12 މެޗުންނެވެ. ނަތީޖާ ނުނެރެވުމުން އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭގެ ފަހުން އޭނާ ހުރީ އެއްވެސް ޓީމަކާއި ހަވާލުނުވެއެވެ.
މިހާރު ބާސާއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރުބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާންގައި ދެ ސީޒަނެއްގައި ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!