"ދަނޑުވެރި މަންފާ" ޕްރޮގްރާމަށް ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިފިއެވެ.
"ދަނޑުވެރި މަންފާ" ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ(ހއ،ހދ އަދި ށ) މި ތިން އަތޮޅުގައި މީހުން ދިރިއުޅޭ 26 ރަށަށެވެ.
"ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދަނޑުވެރިކަން ކުރާ ވަކި ފަރުދުން، ކޯޕަރޭޓިވްސް، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތް، ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
މި ޕްރޮގްރާމަކީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ އަދި ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތައާރަފް ކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ، ހުށަހަޅާ ޕްރޮގްރާމްގެ އަގުގެ 30 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ފައިސާއެވެ. ބާކީ ހަރަދު ކުރަންޖެހޭނީ ޕްރޮގްރާމް ހިންގާ ފަރާތުންނެވެ.
މި ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާއެވެ. އެކިބުރުތަކަށް ބަހާލައިގެން މި ފައިސާ ހުސްވަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.
މި ޕްރޮގްރާމް މެއި 22 ގައި އިއުލާން ކޮށްފައިވާއިރު، އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް މިޕްރޮގްރާމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނަން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!