20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އިންތިޚާބު ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން މިއަދު ނިންމައިފިއެވެ.
ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި އަދުރޭ މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރަން ނިންމާފައި ވަނީ ރައީސް ޑރ.މުޢިއްޒު، ޕީއެންސީގެ އިންތިޚާބީ ޕީޖީ ގްރޫޕާއި، ވަޒީރުންނާއި އަދި ކުންފުނިތަކުގެ ވެރިންނާއެކު މިއަދު މުލިޔާގޭގައި ބޭއްވި ބައްދަލުވުމުގައެވެ.
އިނގިފައިވާ ގޮތުގައި މި ނަންތަކަކީ ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި ނަންތަކެކެވެ.
މަޖިލިސް ރައީސް ކަމަށް ގެންނަން ޕީއެންސީން ނިންމާފައިވާ އަދުރޭ އަކީ މި ސަރުކާރު ގެނައުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭ ހިމެނުމުގެ އިތުރުން ރައީސް މުޢިއްޒުގެ އިތުބާރު ފުރިހަމައަށް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
މި ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހްމަދު ނާޒިމް އިންތިޚާބު ކުރުމަށް ވެސް ނިންމާފައެވެ.
މީގެ އިތުރުން ޕީއެންސީގެ ޕީޖީ ގްރޫޕްގެ އިސް މަގާމުތަކަށް ޢައްޔަނުކުރާނެ މެންބަރުން ވެސް މިއަދު ވަނީ ހަމަޖައްސާފައެވެ. އެ ބޭފުޅުންނަކީ،
- އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ފަލާހު،
- ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު،
- ޑެޕިއުޓީ ލީޑަރު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް،
- ޑެޕިއުޓީ ލީޑަރު ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް)
- ޑެޕިއުޓީ ލީޑަރު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
އައު މަޖިލިސް ފެށޭއިރު ޕީއެންސީގެ 74 މެންބަރުން މަޖިލިސްގައި ތިއްބަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!