އުއްމީދަކީ އީރާންގެ ރައީސް ޑރ. އިބްރާހިމް ރައިސީ އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އާއި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ.

Ad
rt

މި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި މެދުވެރިކޮށް ކުރެއްވި މެސެޖެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި މެސެޖުގައި ވަނީ ރައީސްގެ އަމިއްލަ ނަންފުޅުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އީރާންގެ ރައީސް ޑރ. ރައިސީ އާއި ވަފުދުގެ ބޭފުޅުން ހޯދުމަށް ހިންގާ 'ރިސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް' ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން މި ދަތުރުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ހެޔޮހާލުގައި އަވަހަށް ފެނުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފަވެއެވެ.

އީރާންގެ ރައީސް ޑރ. ރައިސީ އާއި ވަފުދުގެ ބޭފުޅުން ދަތުރު ކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން މި ހެލިކޮޕްޓަރު ފެނިފައިވާއިރު، ހެލިކޮޕްޓަރު ފެނުން ފިޔަވައި އިތުރު މައުލޫމާތެއް އީރާންގެ ދައުލަތުގެ މީޑިއާއިން އަދި ހާމައެއް ނުކުރެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އާއި އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ އަދި ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް ހިމެނިވަޑައިގަންނަވައެވެ.

މި ހެލިކޮޕްޓަރު ވެއްޓުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯވެ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.