ލީގުގެ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމްގެ މައްޗަށް ކުރި ހޯދައި، ޕްރިމިއާ ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީން ކާމިޔާބުކޮށް ރެކޯޑް ހަދައިފިއެވެ.

ޕްރިމިއާ ލީގުގެ ތާރީހުން 136 އަހަރު ފާއިތުވެފައިވާއިރު، ޖެހިޖެހިގެން ހަތަރު ފަހަރު ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން އެއްވެސް ޓީމަކަށް ހޯދިފައި ނުވެއެވެ. ޕްރިމިއާ ލީގުގައި ރަސްކަން ކުރަމުން އަންނަ ސިޓީން މިވަނީ މިފަހަރު ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި ތާރީހު ބަދަލުކޮށްފައެވެ.

Ad
rt

މިރޭ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ. މުޅި މެޗު ސިޓީން ކޮންޓްރޯލް ކުރިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޖަހައިދިނީ ފޯޑެންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީކަނަށް އަމާޒު ކޮށްލައިގެންނެވެ. ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ފޯޑެންއެވެ. ފޯޑެން ވަނީ މި ސީޒަންގައި ލީގުގައި މޮޅަށް ކުޅެ، ލީގުގެ މޮޅު ކުޅުންތެރިއާ މަގާމު ވެސް ހޯދާފައެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ވެސްޓްހޭމްއަށް ލަނޑުޖަހައިދިނީ ކުޑޫސްއެވެ. މިއީ އޭނާ އޯވަހެޑް ކިކަކުން ޖެހި ހިތްގައިމު ލަނޑެކެވެ. ސިޓީގެ ތިންވަނަ ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ރޮޑްރީއެވެ.

މި ސީޒަންގައި ޕްރިމިއާ ލީގުގެ ވާދަވެރިކަން ފެނުނީ ވަރަށް ބޮޑުކޮށެވެ. ލީގުގެ ފަހު މެޗުތަކަށް ނުކުތްއިރު ވެސް ލީގު ޗެމްޕިއަންކަން އޮތީ ކަށަވަރު ނުވެއެވެ. އަމިއްލަ ބާރުގައި ލީގު ކާމިޔާބު ކުރަން ސިޓީއަށް މިރޭ މެޗުން އޮތީ މޮޅުވުން މަޖުބޫރުވެފައެވެ. ސިޓީ އެއްވަރުވެ އާސެނަލް ކުޅޭމެޗުން އާސެނަލް މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބޭނީ އާސެނަލަށެވެ. އާސެނަލް އިން އަމިއްލަ ދަނޑުގައި 2-1 އިން އެވަޓަން ބަލިކުރިއެވެ. ނަމަވެސް ވެސްޓްހޭމް އަތުން ސިޓީ މޮޅުވުމުން އާސެނަލަށް ލީގު ޗެމްޕިއަންކަން ކަށަވަރު ނުވީއެވެ.

ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު، ސިޓީން ޗެމްޕިއަންކަން ހޯދީ 38 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދި އާސެނަލްއަށް ލިބިފައިވަނީ 38 މެޗުން 89 ޕޮއިންޓެވެ.

މި ސީޒަންގައި ސިޓީއަށް އަދިވެސް ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެފެއޭ ކަޕް ފައިނަލް މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމްގައި ވާދަކުރާނީ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑެވެ.