ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ބާއްވާ ބަދަހި ކަޕް ހޭންޑް ބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މުބާރާތްތަކަކީ އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. ފުޓްސަލް މުބާރާތް ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާއިރު، ހޭންޑް ބޯލް މުބާރާތް ބާއްވަނީ ކަނބަލުންނަށެވެ. މި މުބާރާތް ރާވާ ހިންގަނީ މާރަންދޫ ކައުންސިލާއި އެ ރަށު އިޖުތިމާއީ މަރުކަޒު ގުޅިގެންނެވެ.

Ad
rt

މި ދެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކާ ބަޔަކަށް ހެދުމާއި، މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ އިތުރުން އެ ރަށުގެ މުއައްސަސާތައް ގުޅިގެން ހަރަކާތްތައް ހިންގުމުގެ ނަމޫނާ އަތޮޅަށް ދެއްކުން ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފޯމް މާރަންދޫ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.