ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބިޑްގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ 11:00 އެވެ. މިކަމަށް އަނަދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.
މިމަސައްކަތާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި އެ އިދާރާގެ ވެބްސައިޓުން އިން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ އެ އިދާރާގެ ނަމްބަރ (6527177، 6527192) އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ފުރަތަމަ ބާއްވަން ފަށާފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކޮރަލް ޓީމުންނެވެ.
ފާއިތުވި އަހަރު މި މުބާރާތުގައި އަތޮޅުގެ ބައެއް ރަށްތަކަށް ޓީމް ބައިވެރި ކުރުމުގެ ފުރުސަތު ދިނެވެ. އެ ފުރުސަތުގެ ދަށުން މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ނޮޅިވަރަމް ކްލަބް ހުވާސް، ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 60000 (ފަސްދޮޅަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށި ޒިގްޒެގެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!