ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ.
އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ އުތީމް ސްކޫލުގައި އޭ ލެވެލްއަށް ކިޔަވައިދޭން ފެށުމަށް، އޯ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވެފައިތިބި ދިހަ ކުދިން މަދުވެގެން ބޭނުންވާ ކަމަށާއި، އެ ރަށު ސްކޫލުގައި މި އަހަރު އޯ ލެވެލް އިމްތިހާނު ފަނަރަ ކުދިން ފުރިހަމަ ކުރާއިރު، އޭގެތެރެއިން އޭ ލެވެލްއަށް ވަދެވޭވަރުގެ ނަތީޖާއެއް ދިހަ ކުދިންނަށް ނުހޯދިއްޖެނަމަ އެ އަތޮޅު މާރަންދޫ ސްކޫލާއި ތަކަންދޫ ސްކޫލުގައި އޯލެވެލް ހަދާ ކުދިންގެ ތެރެއިން އޭލެވެލްއަށް ވަދެވޭވަރު ނަތީޖާ ހޯދާކުދިން އުތީމް ސްކޫލަށް ގެނެސް އޭލެވެލް ފެށުމަށް ޕްލޭންތައް ހަދައި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ މިކަމާއި މަޝްވަރާ ކުރުމަށް އުތީމް ކައުންސިލްގެ އިސް ފަރާތްތަކާއި އުތީމް ސްކޫލުގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް މާރަންދޫއަށާއި ތަކަންދޫއަށް ދަތުރުކޮށް އެ ދެރަށުގެ ސްކޫލުގެ ސީނިއާ މެނޭޖްމެންޓާއި ކައުންސިލާއި ބައްދަލުކޮށް މިކަމާއި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެ ދެ ރަށުން ވެސް ލިބިގެން ގޮސްފައި ވަނީ އުންމީދީ ޖަވާބެއް ކަމަށެވެ.
ޕްލޭން އޮތްގޮތް އިތުރަށް ހާމަކުރަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އާރުޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން އެ އަތޮޅުގެ ރަށްތައް ގުޅާލާފައި އޮތުމުން އެ ރަށްރަށުން އޭލެވެލް ކިޔަވާކުދިން ކޮންމެ ދުވަހަކު ހެނދުނު އުތީމަށް ފެރީން އާދެވި އަނެއްކާ ހަވީރު އެނބުރި ރަށަށް ދެވޭނެ ކަމަށާއި، ކުދިންނަށް އާރުޓީއެލްގައި ހިލޭ ދަތުރު ކުރެވޭނޭ އިންތިޒާމް ސަރުކާރާއި ގުޅިގެން ހަމަޖައްސަން ވިސްނާފައިވާ ކަމަށެވެ. އުތީމްގައި ހޭދަކުރާ ވަގުތުތަކުގައި ކުދިންނަށް ހަމަޖައްސަން ޖެހޭ އެންމެހާ އިންތިޒާމްތައް ކައުންސިލާއި ސްކޫލް ގުޅިގެން ހަމަޖައްސާނެ ކަމަށާއި، އުތީމްގައި ގާއިމްވެތިބެ ކިޔަވަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް ކައުންސިލުން ތައްޔާރަށް އޮތްކަން އަބްދުﷲ ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަމާއި ގުޅޭގޮތުން ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކާއި ވެސް ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަން ހާމަކުރަމުން އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ އޭލެވެލް އަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސް ރޫމާއި އެކަމަށް ބޭނުންވާ މުދައްރިސުން މިހާރު ވެސް އެ ސްކޫލުގައި އެބަތިބި ކަމަށާއި، އުތީމުގައި އޭލެވެލް ފެށުމަށް ބޭނުންވާ އެންމެހާ ކަންކަން ޕްލޭން ކުރެވި ލިޔެކިޔުމަށް ގެނެވި އެއަށްފަހު މިނިސްޓްރީއާއި ބައްދަލުކުރަން ކައުންސިލުން ތައްޔާރު ވަމުން އަންނަ ކަމަށާއި، ކައުންސިލުގެ އަމާޒަކީ ހުރި ހުރިހާ ހުރަސްތަކެއް ގިރާކޮށް އެ ރަށުގައި ކުރިއަށް އޮތް އަހަރު އޭލެވެލް އުފެއްދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!