އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވިދިވިދިގެ ހަތަރުވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.

ސިޓީއާއި ޓޮޓެންހަމް ރޭ ބައްދަލު ކުރި މެޗަކީ ގިނަ ސަބަބުތަކާއި ހުރެ ވަރަށް ހާއްސަ މެޗެކެވެ. ރޭ މެޗަށް ސިޓީ ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އޮތީ އާސެނަލްއެވެ. ސިޓީއަށް ރޭ މެޗުން މޮޅު ނުވެވިއްޖެނަމަ ލީގުގެ ފަހު މެޗަށް ދެ ޓީމް ނުކުންނައިރު ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮންނާނީ އާސެނަލަށެވެ. ނަމަވަސް ރޭ މެޗުން ސިޓީ މޮޅުވުމުން ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު މިހާރު އޮތީ ސިޓީ އަތުގައެވެ. ސިޓީ މައްޗަށް ކުރި ހޯދައިގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު ޓޮޓެންހަމަށް ދެމެހެއްޓެން އޮތްއިރު، އެ ޓީމް ބަލިވުމުން ހަތަރުވަނަ ޔަގީންކޮށް އެސްޓަން ވިލާ ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރު ކޮށްފައެވެ.

Ad
rt

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، މިހާރު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު 37 މެޗުން ހޯދި 88 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ސިޓީއެވެ. ދެވަނާގައި އޮތް އާސެނަލަށް 37 މެޗުން ލިބިފައި ވަނީ 86 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުތައް އަންނަ އާދީއްތަ ދުވަހު ކުޅޭއިރު އާސެނަލް އަމިއްލަ ދަނޑުގައި ނުކުންނާނީ އެވަޓަންއާއި ދެކޮޅަށެވެ. ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓްހޭމްއާއި ދެކޮޅަށެވެ.

މުޅި މެޗަށް ބަލާއިރު ރޭ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ޓޮޓެންހަމުންނެވެ. މެޗު ފެށިގެން ނިމެންދެން ވެސް ޓޮޓެންހަމްގެ ފަރާތުން ފެނުނީ ހައި ޕްރެޝިން ގޭމެކެވެ. މި ސަބަބާއިހުރެ ބޯޅަ ހޯލްޑް ކޮށްގެން ކުޅެން މުޅި މެޗުގައި ވެސް ސިޓީއަށް އުނދަގޫވިތަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

ޓޮޓެންހަމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ރަނގަޅު ފުރުސަތެއް ބެންޓަންކުއާ އަށް ލިބުނެވެ. އޭނާ ޖެހި ބޯޅަ ސިޓީ ކީޕަރު އެޑަސަން މަތަކުރިއެވެ.

ފުރަތަމަ ހާފުގައި ސިޓީ އަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފިލް ފޯޑެން އަށެވެ. އޭނާއަށް ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ މަތަކުރީ ޓޮޓެންހަމްގެ ކީޕަރ ވިކާރިއޯއެވެ.

މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ޖެހީ ހާލަންޑްއެވެ. ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ޖެހީ ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ފަހު ހާފުގެ ވަކި ހިސާބަކުން އަނިޔާގެ ސަބަބުން ޑިބްރޭނާއާއި ކީޕަރ އެޑަސަން ބަދަލުކުރަން ޖެހުނެވެ. އެޑަސަންއަށް އަނިޔާވީ ގޯލަށް އައި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭ ޓޮޓެންހަމްގެ ރޮމޭރޯ ގައިގައި ޖެހިފައެވެ. ދަނޑުމަތީ ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު އެޑަސަން ކުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ސިޓީން ވަނީ އޭނާ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ އޮރްޓޭގާއެވެ. ބަދަލުކުރުމުން އެޑަސަންގެ ފަރާތުން ވަރަށް ބޮޑަށް ނުތަނަވަސް ކަން ފެނިގެން ދިޔައެވެ.

ސިޓީގެ ޑިފެންސްގެ ތެރެއިން އަކާންޖީއަށް ހެދުނު ގޯހަކުން ސޮންއަށް ވަނީ ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދޭން ހުސް ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބަދަލު ކީޕަރު އޮރްޓޭގާއެވެ. މީގެއިތުރުން ޓޮޓެންހަމްގެ ކުލުސެވެސްކީ އަށް ވެސް ވަނީ ލަނޑުޖަހާނެ ހުސް ދެ ފުރުސަތު ލިބި ބޭކާރު ވެފައެވެ.

ސިޓީގެ ދެވަނަ ލަނޑަކީ މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ޖަހައިދިން ލަނޑެކެވެ. މި ޕެނަލްޓީ ސިޓީއަށް ލިބިފައިވަނީ ޑޯކޫއަށް ޓޮޓެންހަމްގެ ޕޯރޯ ކުރި ފައުލަކާއި ގުޅިގެންނެވެ.