ލެވަކޫސަން ބަލިނުވެ 50 މެޗު ހަމަކޮށްފި

IMG_5615

ރޭ ޖަރުމަނު ލީގުގައި ރަށުން ބޭރުގައި ބޮކުމްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލެވަކޫސަންއިން ބަލިނުވެ 50 މެޗު ހަމަކޮށްފިއެވެ. ރޭ ބޮކުމްގެ ދަނޑުގައި ލެވަކޫސަން އިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮކުމް ބަލިކޮށްފައެވެ.

މި ސީޒަންގައި އާދަޔާ ހިލާފް މޮޅަށްކުޅެ، ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަންއަކީ މިހާރު ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. ބެންފީކާއިން ވަނީ 1963 އިން 1965 އަށް ބަލިނުވެ 48 މެޗު ކުޅެފައެވެ.

ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި މިހާތަން ލެވަކޫސަން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، އެ ޓީމުން ވަނީ އެ ޓީމްގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަންއަށް މި ސީޒަންގައި ތިން ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޖަރުމަނު ކަޕް ފައިނަލުން އެ ޓީމް ޖާގަ ހޯދާފައިވާއިރު، ޔޫރޮޕާ ލީގުގެ ފައިނަލުން ވެސް އެ ޓީމް ވަނީ ޖާގަ ހޯދާފައެވެ.

ރޭ މެޗުގައި ލެވަކޫސަންއަށް ލަނޑުތައް ޖަހައިދިނީ ޕެޓްރިކް ޝިކް، ބޮނިފޭސް، އަޑްލި، ސްޓެންސިކްގެ އިތުރުން ގްރިމާލްޑޯއެވެ. ޖަރުމަނު ލީގުގައި އެ ޓީމަށް ދެން ބާކީ އޮތީ ތިން މެޗެވެ. ލެވަކޫސަން މެޗުކުން ބަލިނުވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަދުވަސް ވެފައެވެ. އެ ޓީމް އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *