59 އަހަރުވީ ރެކޯޑް މުގުރާލައި ބަޔާން ލެވަކޫސަން ފައިނަލަށް

photo_2024-05-10_09-10-14

ޔޫރަޕް ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލައި ބަޔާން ލެވަކޫސަން އިން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ލެވަކޫސަން ފައިނަލުން ޖާގަ ހޯދާފައި މިވަނީ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާ ބަލިކޮށްގެންނެވެ. މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ރޯމާގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލެވަކޫސަން އިންނެވެ. ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ރޭ ލެވަކޫސަންގެ ދަނޑުގައި ކުޅުނުއިރު، ރޭ މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ލެވަކޫސަންއަށް ސެމީން ޖާގަ ލިބިފައި ވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ލެވަކޫސަން މި ސީޒަންގައި މިހާތަނަށް އަދި ބަލިވެފައިނުވާއިރު، އެ ޓީމުން ވަނީ ބަލިނުވެ 49 މެޗު ހަމަކޮށް ޔޫރަޕްގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. އެ ޓީމުން ވަނީ 1963-1965 ދެމެދު ބަލިނުވެ 48 މެޗު ކުޅެފައެވެ.

ރޭ މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ރޯމާއިންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީން ޖަހައިދިނީ ޕަރްދޭސް އެވެ. އެ ޓީމްގެ ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޖަހައިދިނީ ވެސް ޕަރްދޭސްއެވެ.

ދެ ލަނޑުޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރުމާއިއެކު ލެވަކޫސަން އިން ވަނީ ޓީމަށް ބަދަލުގެނެސް އެޓޭކަށް ޓީމް ޖައްސާފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ޖެހިއެވެ. މި ލަނޑަކީ ރޯމާގެ މަންޗިނީ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުން ލެވަކޫސަން ބަލިވާނެ ކަމަށް ބެލެވުނު ނަމަވެސް ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތް މިނެޓުގެ ވެސް އެންމެ ފަހު ވަގުތު ލެވަކޫސަން އިން ވަނީ ލަނޑުޖަހައި މެޗުން ބަލިނުވެ ސަލާމަތްވެފައެވެ. މި ލަނޑު ޖަހައިދިނީ ސްޓަނިސިކްއެވެ. ލެވަކޫސަން އިން ވަނީ މި ސީޒަނުގައި 11 މެޗެއްގެ އިތުރުވަގުތުގައި ލަނޑު ޖަހައި، މޮޅެއް ހޯދުން ނޫނީ ބަލިނުވެ ސަލާމަތްވެފައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ލެވަކޫސަން ނުކުންނާނީ މި މަހު 22 ވަނަ ދުވަހުގެ ރޭ އިޓަލީގެ އެތުލާންޓާއާއި ދެކޮޅަށެވެ. އެތުލާންޓާ ފައިނަލުން ޖާގަ ހޯދީ ސެމީގައި މާސޭ ބަލިކޮށްގެންނެވެ.

ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން އާދަޔާ ހިލާފް މޮޅު ކުޅުމެއް މި ސީޒަންގައި ދައްކަމުން އަންނަ ލެވަކޫސަން އިން ވަނީ އެ ޓީމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބު ކޮށްފައެވެ. ޖަރުމަނު ކަޕްގެ ފައިނަލަށާއި ޔޫރޮޕާ ލީގުގެ ފައިނަލަށް އެ ޓީމް ދަތުރުކޮށްފައިވާއިރު ތިން ތައްޓަކާއިއެކު ސީޒަން ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *