މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ށ. ފުނަދޫ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހް (މަންޑޭ) މަރާލަން ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Ad
rt

އެކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ވާހަކަ އެއް ނުދައްކައެވެ.

އެކަމަކު އެ ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ހައްޔަރު ކުރި މީހާ ސިހުރު ހަދަން މަސައްކަތްކޮށްފައި ހުރީ އިންތިހާބީ މެމްބަރު މަންޑޭއަށް ކަމަށެވެ. އެމީހާ ބުނި ގޮތުގައި ސިހުރު ހެދުމުގެ ގޮތުން ލޮއިގައި މަންޑޭގެ ނަންޖެހުމަށް ފަހު އެ ރަށުގެ ގަސްގަހަށް ވަނީ ޖަހައިފައެވެ.

"މިހާތަނަށް ފަސް ގަހަކުން ވަނީ ސިހުރު ފެނިފައި. މަންޑޭ މަރާލަން ވެގެން ކޮށްފައި އޮތް ކަމެއް އެއީ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައިގައި މަންޑޭ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެއީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެންނެވެ.

"އަދިވެސް ދެ ގަހެއްގައި ސިހުރު ހުރި ކަމަށްވޭ. އެހެންވެ އެ ގަސްތައް ވެސް ހޯދުމުގެ މަސައްކަތް އެބަ ކުރޭ." އެމީހާ ކިޔައި ދިނެވެ.