ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާ ބަލިކޮށް ފައިނަލުގެ އުންމީދު ބަޔާން ލެވަކޫސަން އިން ބޮޑުކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި ސީޒަންގައި އާދަޔާ ހިލާފް ނަތީޖާއެއް ނެރެމުން އަންނަ ލެވަކޫސަން އިން ވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް އެ ޓީމް ކުޅުނު 47 މެޗުން ބަލިވެފައިނުވާއިރު، ޒާބީ އެލަންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ.

Ad
rt

ރޭ މެޗުގައި ވެސް ލެވަކޫސަން އިން ވަނީ މޮޅަށް ކުޅެފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި އަލެކްސް ގްރިމާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފްލޯރިއަން ވިޓްޒްއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 73 ވަނަ މިނެޓުގައި ރޯމާ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ރޮބާޓް އެންޑްރިޗެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ލެވަކޫސަންގެ ދަނޑުގައެވެ. އެ މެޗު އެއްވަރު ކޮށްލައިގެން، ނުވަތަ ދެ ލަނޑަށް ވުރެ ކުޑަ ތަފާތަކުން ބަލިވި ނަމަވެސް މުބާރާތުގެ ފައިނަލުން ލެވަކޫސަންއަށް ޖާގަ ލިބޭނެއެވެ.

ސެމީ ފައިނަލުގައި ރޭ މާސޭއާއި އެތުލާންޓާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހައި ލީޑު ނެގީ އެތުލާންޓާއިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ސްމާކާއެވެ. މާސޭއަށް 20 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްބެމްބާއެވެ.

މި ދެ ޓީމްވާދަކުރާ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ އެތުލާންޓާގެ ދަނޑުގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.