މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި ދަތުރުތައް މިހާރު އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުރާސްފަތި އަދި ހޮނިހިރު ދުވަހު މ. ދިއްގަރުން މާލެއަށް އަދި މާލެއިން ދިއްގަރަށް ސީދާ ދަތުރުތައް ކުރާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތްތަކުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ދުވަހު ކަމަށެވެ.
"މިހާރުވެސް މ. އަތޮޅު ތެރޭ ސަރުކާރުން ހަމަޖައްސާފައި އެބަ އޮތް އިންޓާނަލް ދަތުރުގެ ނިޒާމެއް. އެކަމަކު އެބޭފުޅުންނަށް އެންމެ ދަތިވާ ކަމަކީ މ. އަތޮޅާއި މާލެއާ ދޭތެރޭ ހައި ސްޕީޑުގެ ދަރުތުގެ ނިޒާމެއް ނެތުން. އެހެންވީމަ ރައީސް ނިންމެވި މިވަގުތު ދެވެން ހުރި ހިދުމަތްތަކުގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް މިކަންކަން ގާއިމް ކުރުމަށް،" އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، ހަފުތާއަކު ދެ ފަހަރު ދަތުރުތައް ފަށަން އެއްބަސްވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ހިދުމަތް ކޮންމެ ދުވަހަކުވެސް ދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!