މި ސަރުކާރުން ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި އިޤްތިޞާދު މެނޭޖް ކުރެއްވުމުގައި އިސްކަން ދެއްވާނީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މި ސަރުކާރުގެ އެންމެ މުހިންމު އަސާސަކަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ އެ ފިޔަވަޅު ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބަލައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން އިޤްތިސާދު މެނޭޖު ކުރާނީ ފައިސާ ޗާޕުނުކޮށް، ދައުލަތަށް ލިބޭ އާމްދަނީންނެވެ. އަދި މި ސަރުކާރުން މި ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ވަނީ ވިދާޅުވެފައެވެ.