ވެމްކޯގެ ކުނި ޕިކަޕްގެ ފީ 500ރ. އަށް ކުޑަކުރަން ނިންމައިފި

Wamco

މާލެ ސަރަހައްދުގެ ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން ނަގަމުން އައި 750 ރުފިޔާގެ ބަދަލުގައި 500 ރުފިޔާ ނަގަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ފަޒީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު ވިދާޅުވީ އާންމުން އެންމެ ކަންބޮޑުވާ މައްސަލަތަލުގެ ތެރޭގައި ކުނީގެ މައްސަލަ ހިމެނޭއިރު، ވެމްކޯއިން ފޯރުކޮށްދޭ އެ ހިދުމަތުގެ އަގުތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުދި ޕިކަޕުގައި ކުނި އުކާލުމަށް 750 ރުފިޔާ ދައްކަން ޖެހުމަކީ އާންމުންނަށް އޭގެ ބުރަ ބޮޑުވެފައިވާ ކަމެއް ކަމަށެވެ. އެކަމުގައި ވެމްކޯގެ އިސްވެރިންނާ މިހާރު މަޝްވަރާކޮށް ސަރުކާރުން ނިންމާފައި ވަނީ ކުނި އުކާލުމަށް ނަގާ އަގު 500 ރުފިޔާ އަށް ކުޑަކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ވެމްކޯގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފިން. ޓަނަކަށް މި ނަގާ 750 ރުފިޔާ، 500 ރުފިޔާ އަށް ސަރުކާރުން ކުޑަކޮށްދޭނަން. ދެން އެކަން އެ ބޭފުޅުން (ވެމްކޯ) ރަސްމީކޮށް އިއުލާން ކުރައްވާނެ މާ ލަސްތަކެއް ނުވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ބަދަލާއެކު ކުނި އުކާލުމަށް އާންމު ފަރާތްތަކުން އުފުލާ ތަކުލީފަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމަށް ނަގަމުން އައި ފީ ކުޑަކުރަން ނިންމިއިރު، މި ރޯދަ މަސް ތެރޭގައި މާލޭގެ އެކި މަގުތައް ވަނީ ވަރަށް ބޮޑަށް ގޮނޑުވެފައެވެ. ރޯދަ އަށް މާލޭގެ ގޭގެ ސާފު ކުރިއިރު، ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެތި މަގުތަކަށް ވަނީ އުކާލައިފައެވެ. އެހެންވެ، މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން އެ މައްސަލަ ހައްލު ކުރަން ނުކުންނަން ޖެހުނެވެ.

މާލޭގެ މަގުތަކަށް ކުނި އަޅައިގެން މިހާތަނަށް އައިއިރު، 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި