ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ބުރު މިރޭ

IMG_5142

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ފައިނަލުގެ ފުރަތަމަ ކިޔުން މިރޭ އޮންނާނެއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ފައިނަލު ވެސް ދެ ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު ފަސްބައިވެރިންގެ ކިޔެވުންތައް މިރޭ ޝޯގައި ފެނިގެންދާނެއެވެ. މިރޭ ވަނަ ހޮވުމެއް ނޯންނާނެއެވެ.

މި ފަސް ބައިވެރިންނާއިއެކު ބާއްވާ ގްރޭން ފިނާލޭ ޝޯ އޮންނާނީ މާދަމާ ރެއެވެ. މުބާރާތުގެ ވަނަތަށް ހޮވާނީ މި ދެ ޝޯގެ މާކްސް އެއްކޮށްލައިގެންނެނެވެ. ދެ ޝޯއިން އެންމެ މަތިން މާކްސް ހޯދާ ފަރާތެއް ހއ.އަތޮޅު އެންމެ އަލިގަދަ ތަރިއަށް ހޮވިގެންދާނެއެވެ. އަދި މުބާރާތުގެ ދެވަނަ، ތިންވަނަ، ހަތަރުވަނަ ފަސްވަނަ ހޮވާން ވެސް އެ ޝޯގައި އޮންނާނެއެވެ.

ފައިނަލުގެ ފުރަތަމަ ޝޯ ފަށާނީ މިރޭ 21:20 ގައެވެ. ޝޯ ކުރިއަށް ދާނީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ވަނަތައް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔެވުން އަޑުއައްސަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް އަގުހުރި އިނާމްތައް ލިބިގެންދާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ. މުބާރާތުގެ އެންމެ ތާޒާ ހަބަރުތައް "ތިލަދުން" އިން ގެނެސްދޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *