އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

photo_2024-03-24_16-23-43

ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކޮށްފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

ދެ ޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑި 80 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ ފަހުބައިގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ.

އުމުރުން 17 އަހަރުގެ އެންޑްރިކަކީ މިހާރު ބްރެޒިލް ލީގުގެ ޕަލްމޭރާސް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މި ސީޒަނަށް ފަހު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އިންގްލެންޑުންނެވެ. ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު މި ހާފުގައި ވެސް ތަނަވަސް ކުރީ ބްރެޒިލުންނެވެ. އެ ޓީމްގެ ވިނީސިއަސްއަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތް ކުރީ ޑިފެންޑަރ ވޯކާއެވެ. އޭގެ ފަހުން ރަފީނިއާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އޭނާ ހުހަށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ފާހުގައި އިންގްލެންޑުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ހޯދާފައެވެ. އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުމުން ކޯޗް ސައުތުގޭޓް ފުރުސަތު ދިނީ ވަޓްކިންސްއަށެވެ. ފުރަތަމަ ހާފުގައި ވަޓްކިންސްއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗް ސައުތުގޭޓް ބުނީ މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނީ އިންގްލެންޑް ކަމަށާއި މެޗުން މޮޅުވީ ލިބުނު ފުރުސަތުގެ ބޭނުން ހިފި ޓީމް ކަމަށެވެ.

މިއީ 2020 ވަނަ އަހަރު ނޭޝަންސް ލީގުގައި ޑެންމާކް އަތުން ވެމްބްލީގައި އިންގްލެންޑް ބަލިވިފަހުން، އެ ދަނޑުގައި އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހު އެ ޓީމުން ވަނީ ވެމްބްލީގައި ބަލިނުވެ 21 މެޗު ހަމަކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *