މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާތީ އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައެވެ.
ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަށެވެ.
ޕީސީބީ އިން ސަމާހް، މިފްކޯގެ ސީއީއޯ ގެ މަގާމަށް ހަމަަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ.
ޕީސީބީގެ ބޯޑަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!