ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދާ "އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445" އަންނަ އަންގާރަ ދުވަހު (19 މާޗް 2024) ފަށާނެއެވެ.

ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި އުތީމް ސްކޫލާއި ޕްރީސްކޫލުން 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މަދަރުސީ ތައުލީމް ނިންމާފައިވާ 5 ފަރާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ އެންމެ އަލިގަދަތަރިއަށް ވާދަކުރާ ބައިގައި ޕްރީސްކޫލް އުމުރުފުރާތަށް ނުހިމަނައެވެ.

Ad
rt

މި މުބާރާތް ރާވާލާފައި ވަނީ ހަތަރު ރެއެއްގެ މައްޗަށެވެ. ކިޔެވުން އޮންނަ ރޭތަކަކީ މި މަހުގެ 19، 20. 21 އަދި 23 ގައެވެ. މުބާރާތް ތިންބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ބަލައިގެން ކިޔުމުގެ ބަޔާއި ހިތުން ކިޔުމުގެ ބައިގެ އިތުރުން ތަޖުވީދުގެ ބައިތަށް ކުރިއަށް ގެންދާނެއެވެ. އުތީމް އެންމެ އަލިގަދަ ތަރި ހޮވުން އޮންނާނީ 23 ވަނަ ދުވަހުގެ ރޭ އޮންނަ ފައިނަލް ޝޯގައެވެ.

މި މުބާރާތުނެ އެއްވަނަ ހޯދައި އުތީމް އެންމެ އަލިގަދަ ތަރީގެ މަގާމް ހޯދާފަރާތަށް 8000 (އަށްހާސް) ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން އުމްރާ ދަތުރެއް ދިނުމަށް ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހަމަޖައްސައި ދީފައިވަނީ ނަވާ ހައްޖު އުމްރާ ގްރޫޕްގެ ފަރާތުންނެވެ.

މި މުބާރާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އުތީމް ކަހަލަ މަދު އާބާދީއެއް އޮންނަ ރަށްރަށުގައި ވަކިވަކި މުބާރާތްތަކެއް ބޭއްވުމުގެ ބަދަލުގައި ރަނގަޅު އެއް މުބާރާތް، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަށް ގުޅިގެން ހިންގައި ވަނަތަކަށް ހޮވޭފަރާތްތަކަށް ރަނގަޅު އިނާމެއް ދިނުމަކީ ކައުންސިލުގެ ވިސްނުން ކަމަށާއި، މިއީ މިގޮތުން ކައުންސިލާއި ވިންގާސް ޖަމިއްޔާ ގުޅިގެން މި މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދާ ތިންވަނަ ފަހަރު ކަމަށެވެ.

އޭނާ އިތުރަށް ބުނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި އުތީމް ކައުންސިލް ގުޅިގެން އެ ރަށުގައި މަރުކަޒުގެ ގޮތްޕެއް އެ ރަށުގައި ހިންގަމުން އަންނަތާ މިހާރު ހަތް އަހަރު ވެއްޖެ ކަމަށާއި، އޭގެ ސަބަބުން އެ ރަށުގެ ދަރިވަރުންގެ ޤުރުއާނުގެ ފެންވަރު ވަރަށް ބޮޑަށް މިހާރު ކުރިއަރާފައިވާ ކަމަށެވެ.