ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި

350961_3636f887-8_

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ (ދިވެހި ސިފައިންގެ ވައިގެ ބާރު) އުފައްދަވައި، ރޭ އިފުތިތާހުކޮށްފިއެވެ.

ދިވެހި ސިފައިންގެ ވައިގެ ބާރު، އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައި ވަނީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ދިދަ ހާމަކުރަައްވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅަށް އެރުވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި މި ދިދަ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއަރ ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޢޫފްއާ ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ގައުމީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރައްވަމުންދާ ފުޅާ މަސައްކަތުގައި، އެއަރ ކޯރ އުފައްދަވައި އިފުތިތާހު ކުރެއްވުމަކީ، ރާއްޖޭގެ އަސްކަރީ ތާރީޚުގައި ފެށުނު މުޅިން އާ ބާބެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއީ، ރާއްޖޭގެ ދިފާޢުއާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އެއަަރ ކޯރގެ މަސްއޫލިއްޔަތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާއުކޮށް ބެލެހެއްޓުމާއި އަދި ދިވެހިރާއްޖޭގެ އެންމެހާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަންޖެހޭ ސާރޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވުން ވެސް އެ ބާރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަސްކަރީ ވައިގެ ޚިދުމަތާއެކު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ހިންގާނީ އެމްއެންޑީއެފް އެއަރ ކޯރއިންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ އެއް އުފެއްދުނު މީ ފުރަތަމަ ފަހަރެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *