ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރު ފެންނަން ފަށާފައިވާ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދުތައް ހުއްޓާލައި ދަރަނި ދައްކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަން ފަށާފައިވާ ކަމަށެވެ. އިސްރާފު ކުޑަކުރަން މިހާރު ވެސް ފިޔަވަޅުތަކެއް އަޅާފައިވާ އިރު، ސަރުކާރުން މިހާރު މިލިއަނުން ހަރަދުކޮށްގެން އިވެންޓްތައް ބޭއްވުމާއި ދަތުރުތައް ކުރުން ވެސް ހުއްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުން ދައްކަން ޖެހޭ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާގައި ހުރި އިރު، ސަރުކާރުގެ ކުންފުނިތަކުން ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ވެސް ނުވަ ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާތައް ދީ ބޭރުގެ ބޮޑެތި ލޯންތަކަށް ފައިސާ ދައްކަމުން ދަނީ ފައިސާ ޗާޕް ނުކޮށެވެ.

"އެކަން ހުއްޓާ ނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގަ ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެންދާނެ 20 ރުފިޔާއަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާއަށް ވާވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން ހަމަޖެހުނީ ނޫންތޯ؟ އެކަމަކު އެކަން ވެސް ނުކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި،"

ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އެގޮތުން އިގްތިސާދު ރަނގަޅުވުމުން ދިއުމުގެ އަސަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ތިރިވެ އިގްތިސާދު ރަނގަޅުވަމުން ދާނީ. މިހާރު އޭގެ އަސަރު ފެނޭ އެބަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރަނި ދައްކަން ވެގެން ހެދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 2018 އާ ހަމައަށް ހުންނާނީ ޑޮލަރު ކަމަށެވެ. އެކަމަކު، 2023 ވަނަ އަހަރު ނިމުނު އިރު އޭގައި ޑޮލަރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރުން ވެރިކަމަށް އައިސް އެ ފަންޑަށް ޑޮލަރު ޖަމާކުރަން ފަށާފައިވާ އިރު، މިހާތަނަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ނިމޭ އިރު 100 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާ ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަވަހަށް ނިންމުމަށް މަސައްކަތް ކުރަނީ ވެސް އިގްތިސާދު ވަރުގަދަ ކުރަން ކަމަށާއި ރާއްޖޭގެ އިގްތިސާދު ދެން އިތުރަށް ފުޅާކުރެވޭނީ ވެލާނާ އެއާޕޯޓް އަވަހަށް ނިންމައި ހުޅުވާލެވުނުހާ އަވަހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ރިސޯޓުތައް ހެދުމުގެ ފުރުސަތު ދީ ހަދަން ފަށާފައި ނުނިމި ހުރި ރިސޯޓުތައް ނިންމަން އެކި ކަހަލަ ފުރުސަތު ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.