ޗައިނާ އިން 12 ގްރީން އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ.

ސިއްހަތާބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 12 ގްރީން އެމްބިއުލާންސެވެ.

Ad
rt

މި އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ރާއްޖެއާއި ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ވަންގ ލިޒިންއެވެ. އަދި ސިއްހަތާބެހޭ ވުޒާރާގެ ފަރާތުން ގްރީން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެންނެވީ ސްޓޭޓް ވަޒީރު، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ.

މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން މި އެމްބިއުލާންސްތަކާއެކު ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަ ކަމެއް ލިބިގެންދާނެކަމަށް ވެސް ސިއްހީ ވުޒާރާއިން ބުނެއެވެ.

މި އެމްބިއުލާންސްތަކަކީ، ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމަކަށް ތިމާވެއްޓާ ރަށްޓެހި، ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ތައްޔާރުކޮށްފައިވާ އެމްބިއުލާންސްތަކެކެވެ.