އުމުރުން 12 އަހަރުގެ އަލްވާ ހުސެއިން އަކީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އޭނާގެ މަންމައަކީ ހދ.ވައިކަރަދޫ އައިމިނަތު ފަހުދާއެވެ. ބައްޕައަކީ ހުސެއިން ސުނިލްއެވެ. ސުނިލްއަކީ މާލޭ މީހެކެވެ.

މި ކުޑަ އާއިލާއަކީ ވަރަށް ތަފާތު އާއިލާއެކެވެ. އަލްވާގެ މަންމައާއި ބައްޕައަކީ އުފަންވީއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ދެ މީހުންނެވެ. އެ ދެ މީހުންގެ ހަމަހިމޭން ދިރިއުޅުން ފަޅުފިލުވައިދޭ އަލްވާއަކީ ވާހަކަ ދެއްކުމާއި އަޑު އިވުމުގައި އެއްވެސް އުނިކަމެއް ނެތް ކުއްޖެކެވެ. މާތް ﷲ ގެ ތަނަވަސް ރަހުމަތާއިއެކު އޭނާއަކީ ޤުރުއާން އުނގެނުމުގައި ފަސޭހަތަކެއް ލިބިގެންވާ ކުއްޖެކެވެ.

Ad
rt
އަލްވާ، މަންމައާއި ބައްޕައާއެކު

ވިނަވި އަހަރީ ޤުރުއާން މުބާރާތުން ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ، ނުބަލާ ކިޔުމުގެ ގޮފިން އެއްވަނަ އަދި މުޅި މުބާރާތުން ތިންވަނަ ހޯދި އަލްވާގެ ކާމިޔާބީއާއި ގުޅުވައި އިސްލާމީ މަރުކަޒުގެ އިމާމް، ޝެއިހް އިބްރާހީމް ރަޝީދު ހަސަން ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ގިނަބައެއްގެ ސަމާލުކަން އަލްވާއަށް ހުއްޓުނެވެ. ޝެއިހް ލިޔެފައިވެއެވެ" ޤުރުއާން މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާއަކުން ފެނުނު އުފާވެރި މަންޒަރަކީ، ވާހަކަ ނުދެއްކޭ މަންމައަކާއި ބައްޕައެއްގެ އަންހެންދަރި ޤުރުއާން މުބާރާތުން އެއްވަނަ ހާސިލްކުރި މަންޒަރެވެ. މާތްﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ފަރާތެވެ."

އަލްވާ، މަންމައާއި ބައްޕައާއެކު

އަލްވާ އުފަންވީ މާލެއަށެވެ. ޕްރީސްކޫލް ތައުލީމް ހާސިލްކުރީ ދޮންދޫނި ޕްރީސްކޫލްގައެވެ. ޕްރީސްކޫލް ތައުލީމް ފުރިހަމަކޮށް ގްރޭޑް އެކަކަށް ދިޔުމުގެ ކުރިން އަލްވާ ވަނީ އަންމާ ފޮތާއި ތަބާރަފޮތް (29،30) ހިތުން ދަސްކޮށްފައެވެ.

އަލްވާ

އަލްވާއާއި ގުޅޭގޮތުން މައުލޫމާތު ދެމުން އޭނާގެ މާމަ ޝަކީނާ އާދަމް ބުނީ އަލްވާގެ އުމުރުން ވަރަށް ހަގުއިރު އޭނާއަށް ޤުރުއާން ހިތުދަސް ކުރުމުގައި ފަސޭހަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި، ބަލައިގެން ކިޔަން ނޭނގުނު ނަމަވެސް އަޑު އަހައިގެން ޕްރީސްކޫލް ތައުލީމް ނިމުމުގެ ކުރިން ދެފޮތް ހިތުދަސްކުރި ކަމަށެވެ.

ޝަކީނާއަކީ ޤާރީ ކޯސް ފުރިހަމަ ކޮށްފައި ހުރި ޤުރުއާނަށް އަހުލުވެރި މީހެކެވެ. ވުމާއިއެކު ގޭގައި އަލްވާއަށް އިތުރަށް ޤުރުއާން އުނގައްނައި ދޭން ޝަކީނާ އަށް ވަރަށް ބޮޑެތި ފަސޭހަތައް ހުއްޓެވެ. އަރަބިއްޔާ ސްކޫލުންނާއި ޤުރުއާން ކުލާސްތަކުގެ އިތުރުން މާމަ ކޮށްދިން މަސައްކަތުން އަލްވާ މިހާރު ވަނީ ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ހިތުން ދަސްކޮށްފައެވެ.

އަލްވާ ހޯދާފައިވާ ބައެއް ޓްރޮފީތައް

އަލްވާ މާމަގެ އުންމީދަކީ އަދި ދުޢާއަކީ ވެސް އަލްވާއަށް އަވަސް މުސްތަގުބަލެއްގައި ޤުރުއާން އެއްކޮށް ހިތުދަސްވެ ހާފިޒާކަމުގެ ސަނަދު ލިބިގެން ދިޔުމެވެ.