ޖަރުމަނު ލީގުގައި ރޭ ފްރެއިބާގާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު އެއްވަރުވެ، މިހިންމު ދެ ޕޮއިންޓް ބަޔާންގެ އަތުން ގެއްލިއްޖެއެވެ. ފްރެއިބާގްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުން ދެ ޕޮއިންޓް ގެއްލުމުން އެއްވަނާގައި އޮތް ބަޔާން ލެވަކޫސަން އާއި ދެވަނާގައި އޮތް ބަޔާން މިއުނިކާއި ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް އިތުރު ވުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު ލެވަކޫސަން އެއްވަނާގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 61 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ބަޔާނަށް ލިބިފައި ވަނީ 24 މެޗުން 54 ޕޮއިންޓެވެ. މާދަމާ ރޭ ލެވަކޫސަންއާއި ކޮލްން ބައްދަލުކުރާ މެޗު ލެވަކޫސަންއިން ކާމިޔާބު ކޮށްފިނަމަ ބަޔާނާއި ލެވަކޫސަންއާއި ދެމެދު އޮތް ފަރަގު ދިހަ ޕޮއިންޓަށް އިތުރުވީއެވެ. ރޭ ބަޔާން އަތުން ޕޮއިންޓެއް ހޯދި ފްރެއިބާގް މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ފްރެއިބާގުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ނިކޮލަސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ގަޓްނާއެވެ. މެޗުގެ 35 ވަނަ މިނެޓުގައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަތީސް ޓެލްއެވެ. މެޗުގެ 75 ވަނަ މިނެޓުގައި ކިމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މުސިއާލާ ވަނީ ލަނޑުޖަހައި ބަޔާނަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފްރެއިބާގްގެ ލޫކަސް ހޯލާ ވަނީ ލަނޑުޖަހައި ބަޔާން ހުއްޓުވާފައެވެ.

ފާއިތުވި 11 ސީޒަންގައި ޖަރުމަނު ލީގުގެ ތަށި ކާމިޔާބު ކުރީ ބަޔާނުންނެވެ. ނަމަވެސް މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ވަރަށް ބޮޑަށް މިވަނީ ދަށަށް ގޮސްފައެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމްގެ ކޯޗް މަގާމުގައި ހުރި ޓުޗެލް ވެސް ވަނީ މި ސީޒަނަށް ފަހު ބަޔާންގެ ކޯޗްކަމުން ވަކިވާން މިހާރު ނިންމާފައެވެ. ރޭ މެޗުގައި ބަޔާންގެ ފަރާތުން ފެނުނު ދަށް ކުޅުމާއިމެދު ޓުޗެލް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.