ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ހދ. ނޮޅިވަރަންފަރުގައި ހިންގަވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނޮޅިވަރަށް ފަރަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ އްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަސް އަހަރުދުވަހަށް ބަހާލައިގެން ރާއްޖޭގެ އެކި ރަށްތަކުގައި 40،000 ހައުސިން ޔުނިޓް ގާއިމުކުރާއިރު، އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް އެރަށުގައި ހިންގަވައިދެއްވަން ވަނީ ނިންމަވާފައެވެ.
ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަން ފާހަގަކުރައްވައި، އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެރަށުގެ ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ، މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް އެރަށުގައި ބިނާކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!