ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިހުން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބައްދަލުކުރީ ހޯރަފުށީ ޕޮލިހާއި ހޯރަފުށީ އެއާޕޯޓެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ ޕޮލިސް ޓީމެވެ. މި މެޗުގައި ޕޮލިސް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 47، އިބްރާހީމް ސިޔާމްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހޯރަފުށީ އެއާޕޯޓް ޓީމްގެ އަހްމަދު ރަޝީދެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ ފެނަކަ ޓީމްގެ ހުސައިން ރިޝާހްއެވެ.

މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކޮށްފައި ވަނީ ތިން ޓީމެކެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ، އަދި ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މިއީ ހޯރަފުށީ ކައުންސިލުން މި މުބާރާތް ބޭއްވި ތިންވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!