ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ''އަހާ''ގެ ދެވަނަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.
މިރޭގެ ފޯރަމް ހާއްސަ ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.
މިރޭގެ ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިރޭގެ ފޯރަމް ފަށަން ނިންމާފައި ވަނީ 20:45 ގައެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ފަށާފައިވާ މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ވަޒީރުން ރައްޔިތުންނަށް މައުލޫމާތު ވެސް ދެއްވާނެއެވެ.
މީގެ އިތުރުން ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް މުޢިއްޒު ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ.
މި ފޯރަމް ކުރިއަށް ގެންދާނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ރައީސް އޮފީސް ގުޅިގެންނެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ރައީސް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވެމުގެ ސިލްސިލާއެއް ވެސް ސަރުކާރުން ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!