މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ފޯރު ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭނަމަ އެމީހުން އެ މަޤާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭނަމަ އެކަށޭނަ މަސައްކަތެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކިޔަވައިގެން ކިތަންމެ މޮޅަށް ހުއްޓަސް، އަޅުގަނޑު ޤަބޫލެއް ނުކުރަން ކުރެވޭނެ ކަމެއް އޮންނާނޭ. އެކަކު އަނެކަކަށް އިތުބާރު ނުކުރަންޔާ އޭނަ އެ މަޤާމެއްގަ ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު. އޭނަގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ. އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޔާ. އަދި އޭނަގެ ދަށުން ތިބޭ، ވެރިމީގެ ދަށުން ތިބޭ މީހުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވެންޏާ ދަށުންތިބޭ މީހުންނަކަށް މަސައްކަތެއްވެސް ނުކުރެވޭނެ. ކޮށްދެވޭނެ ޚިދުމަތެއްވެސް ނޯންނާނެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ" ފަހުމީ ވިދާޅުވިއެވެ.
އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމާ ގުޅޭގޮތުން ފަހުމީ ވިދާޅުވީ އެ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ދެދޭ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދީ، އެކަކު އަނެކަކަށް އިތުބާރު ހިފޭނެ މާޙައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި އެ ޕްރޮގްރާމުން އެކަން ހާސިލްވެފައިވާ މަންޒަރު ފެނިގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކުރިއެވެ. މި ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި، ހިންގުމުގެ ހުނަރުތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!