އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އެކަމުން އިތުރު މަންފާއާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އިއްޔެ ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވީ، އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބައިނަލްއަގުވާމީ ޕީސް ކޭބަލް ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލާފައިވާއިރު، މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލި ފުރަތަމަ ފަހަރެވެ.
މި ކޭބަލް ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވަނީ، އާ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިހްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ޝުކުރު އަދާކުރައްވާފައެވެ.
''އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އަޅުގަނޑުމެންގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުން'' އާތިފް ވިދާޅުވެފަވެއެވެ.
މި ރަސްމިއްޔާތުގައި އޫރިދޫގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ދެއްކެވި ވާހަކާގައި ވަނީ، ޕީސް ކޭބަލާއެކު ކުޅުދުއްފުށި ސިޓީއަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!