ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ad
rt

ފަސްދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މީގެ ކުރީން ވަނީ އެމަނިކުފާނު މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ވިދާޅުވެފައިވެފަވެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް އަތޮޅުތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ ކޮޅުމަޑުލުގެ ބައެއް ރަށްތަކަށެވެ.

ރައީސްގެ ކޮޅުމަޑުލު (ތ. އަތޮޅު)ގެ މި ދަތުރުފުޅުގައި އެ އަތޮޅުން ފުރަތަމަ ވަޑައިގަތީ ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގަތް ރަށެވެ. ރައީސް ވަނީ، އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމުގައި ވިދާޅުވެ ވަޢުދުވެވަޑައިގެންފައެވެ.