ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވެއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ވަނީ ގުޅާލާފައެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށި ވެގެން ގޮސްފައި ވަނީ މާލެ ސަރަހައްދުން ބޭރުގައި ސަބްމެރީން ކޭބަލްގެ މައި ލޭންޑިންގް ސްޓޭޝަން ބެހެއްޓުނު ފުރަތަމަ ރަށަށް ކަމަށެވެ.
''މިއާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ. އަދި ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ.'' ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލާފައިވާއިރު، މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!