ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަހާސިންތާއެކެވެ.
މި މަހާސިންތާއާއި ގުޅޭގޮތުން މައުލޫމާތުދެމުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު އަކްބަރީ މުހައްމަދު ބުނީ މި މަހާސިންތާގައި އަންހެނުންނަށް ސިޔާސީ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކާއި ކުރިމަތިލައި އެކަމުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަވައިދަށް އަހުލުވެރި ކުރުމުގެ ގޮތުން ވެސް ސެޝަން ބާއްވާފައިވާ ކަމަށެވެ.
މި މަހާސިންތާގައި ހޯޕް ފޮރ ވިމެންގެ ކޯ-ފައުންޑަރ އަނީސާ އަހުމަދު އަދި ޗެއަރޕާސަން އަހުމަދު އަންވަރު ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!