އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު، ގަލަގާގެ ލަނޑުތަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖައިންނެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވީ ބައްޔެވެ. މި ސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ. ރޭ މޮޅާއިއެކު އެ ޓީމް ވަނީ ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ޗެލްސީއަށް 24 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.

Ad
rt

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޕެލަސް އިންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ޖެފްސަން ލެމާއެވެ. ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ މަލޯ ގުސްޓޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ގަލަގާ ކާމިޔާބު ކޮށްދިން ލަނޑުނެވެ.

މެޗުން ޗެލްސީ މޮޅުވި ލަނޑު ގަލަގާ ޖެހީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ކޯލް ޕަލްމާގެ އެހީތެރިކަމާއި އެކުގައެވެ. އިތުރު ވަގުތުގެ ފަހު މިނެޓްގައި ތިންވަނަ ލަނޑު ޗެލްސީއަށް ޖަހައިދިނީ އެންޒޯ ފެންނާންޑޭޒްއެވެ.