ވެސްޓްހޭމް އަތުން އާސެނަލްއަށް ބޮޑު މޮޅެއް

IMG_4573

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

މިއީ އަމިއްލަ ދަނޑުގައި ހަ ލަނޑުގެ ތަފާތަކުން ވެސްޓްހޭމް ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމް ވަނީ 1963-64 ސީޒަންގައި ބްލެކްބާން އަތުން 8-2 ގެ ނަތީޖާއިން ބަލިވެފައެވެ.

ވެސްޓްހޭމް ދޫކޮށް މި ސީޒަންގައި އާސެނަލާއި ގުޅުނު ޑެކްލަން ރައިސްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ އެއް ލަނޑުޖަހައި ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި އާސެނަލަށް ޖަހައިދިނީ ސަލީބާއެވެ. މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ދެވަނަ ލަނޑު ޖަހައިދިނީ  ސަކާއެވެ. ތިންވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން މަގާޅެސް ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަތަރުވަނަ ލަނޑު ޖަހައިދިނީ ޓްރޮސާޑްއެވެ. ދެވަނަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ސަކާއާއި ރައިސްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެ އާސެނަލް އޮތީ ތިންވަނާގައެވެ. އެ ޓީމަށް 24 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 23 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ. އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 24 މެޗުން ވަނީ 54 ޕޮއިންޓް ލިބިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *