ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ހޯރަފުށީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަވަނަ ޕްރައިވެޓް ލިމިޓެޑް އާ އެވެ.
އެ ރަށުގެ ދެކުނު ތުނޑި ސަރަހައްދުގައި ތަރައްގީކުރާ ބޯޓް ބީޗިން އޭރިއާ އާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ މިހާރު ފެށުމަށް ތައްޔާރުވަމުން މިދަނީ ބޯޓް ބީޗިންގެ ފުރަތަމަ މަރުހަލާ ކަމަށާއި، މި މަރުހަލާގެ ދަށުން އެތަނަށް ދޯންޏަށް ވަދެވޭގޮތަށް ޗެނަލްކަނޑައި އަތިރިމަތީގެ ފަސްގަނޑު ދޯނި އެހެލަން ފަސޭހަވާނޭހެން ބަދަލު ގެނެވިގެންދާނެ ކަމަށެވެ.
ވަހީދު އިތުރަށް ބުނީ މިހާރު އެ ރަށުގައި ދޯނި އެހެލުމަށް ވަކި ދިމާލެއް ހާއްސަ ކުރެވިފައި ނެތުމާއި، އަދި އުސޫލެއް ވެސް އެކުލަވާލެވިފައި ނެތުމުން އޮޑިވެރިންނަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށާއި، ނަމަވެސް ބޯޓް ބީޗިންގެ ފުރަތަމަ މަރުހަލާއާއިއެކު އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ވަހީދު އިތުރަށް ބުނީ އެ ކައުންސިލުގެ ވިސްނުމަކީ ބޯޓް ބީޗިން އޭރިއާ ކުރިއަށް އޮތްތަނުގައި ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީ ކުރުން ކަމަށެވެ.
މީގެ އިތުރުން ހޯރަފުށީ ކައުންސިލުން ވަނީ މި މަޝްރޫއު ކާމިޔާބު ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވެދެެއްވި އެހީތެރިކަން ފާހަގަކޮށް ސައްލެ އަށް ޝުކުރު އަދާކޮށްފައެވެ.