ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ހުތުރުބަހުން މުއާމަލާތްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ދިމާލަށް ޖާބިރު އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާއާމެދު އެ ކުންފުނިން ފިޔަވަޅެއް އަޅާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖާބިރު މޯލްޑިވިއަންގެ ސީޕްލޭނަށް އެރުން ވަނީ މަނާ ކުރަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމައިފައެވެ. އެކަމަކު، އެ ވާހަކަތައް މޯލްޑިވިއަނުން ދޮގު ކުރެއެވެ.
މި ފަހަކަށް އައިސް ޖާބިރުގެ ހުތުރު އެކި ވާހަކަތަކާއި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ، ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން ޖާބިރަށް ވަނީ އަމާޒުވެފައެވެ. އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ކެމްޕޭނުގައި އުޅުއްވަމުން ވެސް ޖާބިރު ދެ ރަށެއްގެ ބަޔަކާ ހަޑި ހުތުރު ބަހުން މުއާމަލާތު ކުރެއްވި މައްސަލައިގެ ވީޑިއޯއެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ޖާބިރުގެ އަތުން އެމްޑީޕީގެ ޓިކެޓު ވަނީ އަތުލައިފައެވެ.
ޖާބިރަށް ލިބުނު އެ ޓިކެޓަކީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ލިބިވަޑައިގެންނެވި ޓިކެޓެވެ. އެ ޓިކެޓު އަތުލުމާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ އެކަން ކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި އެ މައްސަލަ އިސްތިއުނާފް ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ. ޖާބިރު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!