އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކަށް ހުޅުވާލާފައިވާކަން ހާމަކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ މިއީ އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުގައި ޑިވެލޮޕިންގ ކަންޓްރީޒް ޕާޓްނާޝިޕް ސްކޮލާޝިޕް (ކޭ.އެން.ބީ ސްކޮލާޝިޕް) ގެ ދަށުން ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ.

Ad
rt

މި ފުރުސަތުގެ ދަށުން އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުން ބެޗެލާސް، މާސްޓާސް، އަދި ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފައިވާކަމަށް، ކޮލޮންބޯގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީ އިން އަންގާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މިސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް ސެޓްލްމެންޓް އެލަވެންސް، ޓިއުޝަން ފީ، އެކޮމޮޑޭޝަން ފީ، ރިސާރޗް އެންޑް ބުކް އެލަވެންސް، ހެލްތް އިންޝުރެންސް އަދި ޓިކެޓް، ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދެއެވެ.

މި ސްކޮލާޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުވަރީ 2024 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ މިހާރު ހުޅުވާލާފައެވެ.

މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.