ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓާ މުއްދަތު ދިގުލައިގެން ދިޔުމުގެ މައްސަލަ ނުވަތަ "ވާނުުވާ" ބަންދުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާތީ އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަރުހަބާ ކިޔައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ މައްސަލަ ނިމުމަކަށް ގެނައުމަށް ޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ.

Ad
rt

ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނީ އެ ނިންމުމާ މެދު އެ އޮފީހުން އުފާ ކުރާ ކަމަށާއި އަދި ގާނޫނަށް ގެންނަން ސަރުކާރުން ގަސްދުކުރާ އިސްލާހުތަކާ ގުޅިގެންނާއި އެ އޮފީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

އެ ލިޔުމުގައިިވާ ގޮތުން ވާނުވާގައި ގިނަ ބަޔަކު ތިބުން ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ ކަމަށެވެ.

"ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލް އުފާކުރައްވާ، އެކަ މުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރަން،" ޕީޖީގެ ލިޔުމުގައިވެ އެވެ.

މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް މި އޮފީހުން މިހާރު ވެސް ގެންގުޅޭ ކަން ވެސް ފާހަގަ ކުރި އެވެ. އެ އޮފީހުގެ ސިޔާސަތަކީ ޖިނާއީ ކުށުގެ އަމަލުތަކުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާހު ވުމުގެ ފުރުސަތު ގާނޫނު ތަންދޭ ފުޅާ މިނެއްގައި ފަހިކޮށްދިނުން ކަމަށް ބުންޏެވެ.