ހއ.އަތޮޅުގައި ފާނަ މަސްވެރިކަން ކުރަމުންދިޔަ މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. މިޔަރު ހަމަލާ ދީފައި ވަނީ ހއ.އަތޮޅުގައި ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވި ފ.އަތޮޅު ފީއަލީ ދޯންޏަކުން ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހަކަށެވެ. މިޔަރު ހަމަލާ ދީފައި ވަނީ އެ މީހާގެ އަތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެއްސެކެވެ.

Ad
rt

ހޯރަފުށީ ހެލްތު ސެންޓަރުން ބުނީ މިއަދު ހެނދުނު ދިހައެއް ޖަހާކަށްހާއިރު މިޔަރެއް ހަމަލާ ދީގެން އަވަސް ފަރުވާއަށް މީހަކު އެ ހެލްތު ސެންޓަރަށް ގެނައި ކަމަށާއި، އެތަނުން ފަރުވާ ދިނުމަށްފަހު ސީ އެމްބިއުލާންސްގައި މިހާރު އެ މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފއިވާ ކަމަށެވެ.

މިޔަރު މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ރާއްޖޭގައި ވެސް ދޭތެރެ ދޭތެރެއިން އަންނަނީ ކުރިމަތިވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ނެރު ކައިރީގައި އޮންނަ ޝާކް ޓޭންކް ޑައިވް ސައިޓުގައި ވަލެއް އޮޅިފައިވާ މިޔަރެއްގެ ގައިން އެ ވާ ނައްޓަން މަސައްކަތް ކުރުމުގެ ތެރޭ އެ މިޔަރު ވަނީ ތިން ޑައިވަރަކަށް ހަމަލާ ދީފައެވެ. އެ ޑައިވް ޓީމްގައި ޖުމްލަ ދިހަ މެމްބަރުން ތިއްބެވެ.